16/10/2024
Alt

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ދަވާދު އާކޮށްފައި އޮތީ, ބޭނުން ނުކުރާތާ 12 އަހަރުވީ ބޯޓެއް caption

ޞިއްޙީ އިމަޖެންސީ ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި އެކަމަށް ހާއްސަ ކުރެވިފައިވާ މަތިންދާ ބޯޓެއް ތައްޔާރުކޮށް, މާދަމާ މި ޚިދުމަތް ފެށުމަށް ސަރުކާރުން ތަައްޔާރު ވަމުންދާއިރު, އެއަރ އެމްބިއުލާންސްގެ ގޮތުގައި, ދަވާދު އާކޮށް, ބޭނުން ކުރުމަށް މިހާރު ތައްޔާރު ކޮށްފައި އޮތީ ބާ ދަގަނޑަށް ވެފައި އޮތް, ބޭނުން ނުކުރާރާ 12 އަހަރު ވެފައި އޮތް ބާ ބޯޓެއްކަން ހާމަ ވެއްޖެއެވެ.

ސަރުކާރުން މިހާރުވަނީ, މުޅިން އާ ޑިޒައިންނަކަށް ޕެއިންޓް ކޮށްފައި އޮތް މި ބޯޓުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އިސްތިހާރުކުރަން ފަށާފައެވެ. އެގޮތުން ރައީސް މުއިއްޒުވެސް ވަނީ މި ބޯޓުގެ ފޮޓޯއެއް ޓުވީޓު ކުރައްވާފައެވެ.

އެހެންނަމަވެސް, މިހާރު އާންމުވެފައިވާ މި ބޯޓުގެ ހިސްޓްރީއާއި ހާލަތަކަށް ބަލާއިރު, މި ބޯޓު އެންމެ ފުރަތަމަ ބޭނުން ކޮށްފައިވާކަމަށް ރެކޯޑުތަކުން ދައްކަނީ 2000 ވަނަ އަހަރު, ޖާޒީ ޔޫރަޕިއަން އެއަރވޭސް ނަކަށް ކިޔާ އެއަރލައިނަކުންނެވެ. އެއަށްފަހު 2002 ވަނަ އަހަރު ފްލައިބީ, އަދި 2004 ވަނަ އަހަރާއި 2005 ވަނަ އަހަރު މި ބޯޓު ބޭނުން ކޮށްފައިވަނީ އައިލޭންޑް އެއަރ ނަމަކަށް ކިޔާ އެއަރލައިނަކުންނެވެ.

ރާއްޖޭގެ އައިލޭންޑް އޭވިއޭޝަން ސާވިސްއިން މި ބޯޓު ބޭނުންކުރަން ފަށާފައިވަނި 2006 ވަނަ އަހަރުއެވެ. ހަމަ އެއާއެކު, ރެކޯޑްތަކުން ދައްކާގޮތުގައި, 2006 ވަނަ އަހަރު ރާއްޖެ ގެނައި މި ބޯޓު އެންމެ ފަހުން ވައިގެ ދަތުރެއް ކޮށްފައިވަނީ 2012 ވަނަ އަހަރުގެ ޖޫންމަހު ކައްދުއަށެވެ. އެއަށްފަހު މި ބޯޓު އޮތީ ”އެހެލާފަ“ އެވެ. މާނައަކީ ވައިގެ ދަތުފަތުރަށް އައިލޭންޑް އޭވިއޭޝަންއިން މި ބޯޓު ބޭނުން ކުރަމުން ނުދާތާ 12 އަހަރު ވީއެވެ.

މާދަމާ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް މިހާރު ތައްޔާރު ކޮށްފައިވާ މި ބޯޓާއިބެހޭ އިތުރު މައުލޫމާތު ހޯދާ ބެލިއިރު އެގެން ހުރި ގޮތުގައި މިހާރު މި ސީރީސްގެ ބޯޓުތައް އުފެއްދުންވެސް ވަނީ ހުއްޓާލާފައެވެ. އެހެންކަމުން, އޭވިއޭޝަންގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި, މި ސީރީސްގެ ބޯޓުތަކުގެ ”ޖެނުއިން“ (ސައްޙަ) ސްޕެއަރވެސް ލިބުން ވެގެންދާނީ ދަތި ކަމަކަށެވެ.

އެހެންނަމަވެސް ސަރުކާރުން މިހާރުވަނީ މި ބޯޓު މުޅިން އާ ޑިޒައިންއަކަށް ޕެއިންޓް ކޮށްގެން, ރާއްޖޭގެ ބަލިމީހުން އުފުލުމަށް ތައްޔާރު ކޮށްފައިވާކަމަށް ބުނެ މި ބޯޓު ވަރަށް ބޮޑަށް އިސްތިހާރުކުރަން ފަށާފައެވެ.

ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި, އަދި ސިއްޙީ ދާއިރާއާއި ގުޅުހުރި ކަމެއް, ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް, ރައްކާތެރިކަމުގެ ޔަގީންކަމެއް ނެތި މި އުސޫލުން ބޭނުން ކުރުމަކީ ހިތާމަހުރި ކަމެކެވެ. ސިޔާސީ ވިސްނުމުގައި, ހަމައެކަނި ވައުދެއް ފުއްދުމުގެ ނަމުގައި, ފުރާނައިގެ ރައްކާތެރިކަމާއި ގުޅުންހުރި މިފަދަ ޚިދުމަތެއް ދޭން ފެށުމުގެ ކުރިން ސަރުކާރުން މި ބޯޓުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭނެއެވެ.