ރާއްޖޭގެ މާލީ ހާލަތު ދަށްވެ, ސަރުކާރު ބަނގުރޫޓުވެ, ރާއްޖެއިން ނަގާފައިވާ ބޭރުގެ ލޯނުތައް ޑީފޯލްވުމުގެ ބިރު ހީވުމާއި ގުޅިގެން, ކުވައިތު ފަންޑުން ރާއްޖެއަށް ދޫކުރި ހިލޭ އެހީ އެ ފަންޑުން އަބުރާ ގެންގޮސްފިއެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ, ކުވައިތު ފަންޑުން ދީފައިވާ ހިލޭ އެހީ އަނބުރާ ގެންދިއުމަށް އެ ފަންޑުން އަންގާފައިވަނީ ފާއިތުވި ހަފްތާގައި ކަމުގައެވެ. އަދި އެކަން މިހާރު ރަސްމީކޮށް އަންގާފައިވާއިރު, އެއެހީ އަނބުރާ ގެންދިޔަ ސަބަބެއްގެ ގޮތުގައި އަންގާފައިވަނީ, ރާއްޖޭގެ މާލީ ހާލަތު އެކަށީގެންވާ ގޮތުގައި މެނޭޖް ނުކުރެވުމާއި, އަދި އިގްތިސާދުގެ މިސްރާބު ހުރިގޮތުން ބޭރުގެ ދަރަނި މެނޭޖް ނުކުރެވިދާނެކަމުގެ ބިރު ހީވެފައި އޮތުންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދު ހީނަރުވެ, ޕްރޮޖެކްޓްތައް މިވަނީ ހުއްޓުމަކަށް އައިސްފަ. އަދި ދަރަނި އިންތިހާއަށް އުފުލި, ބޭރުގެ ދަރަނިތައް ޑީފޯލްޓު ވެދާނެކަމުގެ ކަންބޮޑުންވުން އޮތީމަ, ބޭރުގެ ހިލޭ އެހީތަކަށް އަސަރު ކުރަނީ. ހިލޭ އެހީނަމަވެސް, އެ އެހީގެ އެފިޝަންސީއަށް ބަލާފަ އެހީ ދޫކުރާނީ. ރަގަޅު އިގްތިސާދެއް އޮވެގެން އެހީ ލިބޭނީ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.
ކުވެއިތު ފަންޑުގެ ހިލޭ އެހީ އަނބުރާ ގެންދިއުމުން, އެކަން ފޫބެއްދުމަށް, އެ އެހީ ގެންގޮސްފައިވަނި މަޝްރޫއުތައް ނުހިންގާ ކުރީ ސަރުކާރުން ފަރުވާ ކުޑަކުރުމުން ކަމަށްވިދާޅުވެ މުއިއްޒު މިއަދުވަނީ އިތުރުފުޅު ހައްދަވާފައެވެ.
އެހެންނަމަވެސް, ކުވައިތު ފަންޑުން ދިން ހިލޭއެހީން އަޅާ ހޮސްޕިޓަލްތައް އެޅުމަށް ކުރީ ސަރުކާރުންވަނީ އެއްބަސްވުންތަކުގައި ސޮއިވެސް ކޮށްފައެވެ. އެހެންނަމަވެސް މި ސަރުކާރަށް އެޕްރޮޖެޓްތައް ކުރިޔަށް ގެންދެވިފައެއް ނުވެއެވެ.